ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވީ ފަހުން 30 މިލިއަން ވަނަ ފަތުރުވެރިޔާ މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް މައުލޫމާތުދީފިއެވެ.
މިއީ 1972 ވަނަ އަހަރު އެންމެ ފުރަތަމަ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްވުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާއިންް ރާއްޖެއަށް ލިބެމުން އަންނަ ކާމިޔާބީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. 1972 ވަނަ އަހަރު ފަތުރުވެރިކަން ތައާރަފްވިއިރު ރާއްޖެ އައީ އެންމެ 1،097 ފަތުރުވެރިންނެވެ.
އެއަށްފަހު، 2024 ވަނަ އަހަރު ރާއްޖެއަށް ވަނީ 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ ފުރަތަމަ ރިސޯޓް އެއްގޮތުގައި ކުރުނބާ އައިލެންޑް ރިސޯޓް އެންމެ 280 އެނދުގެ ކެޕޭސިޓީއަކާއި އެކު ހުޅުވީ 3 އޮކްޓޫބަރު، 1972 ގައެވެ. އެއަށްފަހު، 2018 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދޭނެ 45،419 އެނދު ހުއްޓެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ އިންގިލާބީ ބަދަލާއިއެކު، ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގައި ގިނަ ވަނަތަކެއް ދިވެހިރާއްޖެއިން ވަނީ ހޯދާފައެވެ. އެގޮތުން، 2024 ވަނަ އަހަރު ވޯލްޑް ޓްރެވެލް އެވޯޑްގެ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ވަނީ ރާއްޖެއަށް ލިބިފައެވެ.