ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އެ ސެންޓަރަށް 30 އެނދު އިތުރުކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑްޓެކް އަދި މެޑިކޮމްއާއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 3 މަސް ދުވަހުގެ ތެރޭގައެވެ. އިތުރުކުރާ 30 އެނދު ޤާއިމްކުރެވޭނީ ހުޅުމާލޭ ހޮސްޕިޓަލްގެ އޮރެންޖް ހިޔާގައެވެ.
މި މަޝްރޫޢުގެ ސަބަބުން ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް ވެއިޓްލިސްޓްގައި ތިބޭ މީހުންގެ އަދަދު މަދުވެގެންދާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ހުޅުމާލޭގެ ރައްޔިތުންނަށް މި ޚިދުމަތް މިހާރަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހޮސްޕިޓަލުން ވަނީ މި ޚިދުމަތް 24 ގަޑިއިރަށް ފުޅާކޮށްފައެވެ. މިވަގުތު ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރުގައި ހުރީ 10 އެނދެވެ. އޭގެ ތެރެއިން އެއް އެނދަކީ ކުއްލި އެމަރޖެންސީ ހާލަތްތަކަށް ޚާއްޞަކުރެވިފައިވާ އެނދެކެވެ. މި ސެންޓަރުން މިވަގުތު 80 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.
2012 ވަނަ އަހަރު ފެށުނު ހުޅުމާލޭ ހޮސްޕިޓަލްގެ ޑައިލިސިސް ޚިދުމަތް، އެއަށްފަހު މިވީ މުއްދަތުގައި ވަނީ އެތައް ގުނައަކަށް ފުޅާވެފައެވެ. އަދި މި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ހޮސްޕިޓަލުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.