ރޯދަ މަހަށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ކުރިއަށް ދިއުމަށް ހަމަޖެހިފައިވާއިރު، މަސްދަޅު ބަލައި ދާއިރު އެގެއެއްގެ ކަރަންޓު މީޓަރު އެނގޭނެ ފަދަ ލިޔުމެއް ގެންނަން ޖެހެއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ގެންދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޚިދުމަތް ލިބެން ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:30 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ. ފަސް ސަރަހައްދަކުން މަސްދަޅު ދޫކުރާނެ އެވެ.
މަސްދަޅު ކޭސް ދޫކުރާ ތަންތަނުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލް ތައިސޭކޮށި، މާފަންނު މިފްކޯ ގޯތިތެރެ، ހުޅުމާލެ ފޭސް 1 ގެ އުމަރުޒާހިރު ބިލްޑިންގ، ފޭސް 2 ގެ ހިޔާ ޓަވަރ 10 ގެ ގްރައުންޑް ފްލޯ އަދި ވިލިމާލޭ ސިޓީ ކައުންސިލް އޮފީސް ހިމެނެއެވެ.
މަސްދަޅު ކޭސް ބަލައި ދާއިރު ގެންދަންޖެހޭ ތަކެތި:
- ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމެއް (އެންމެ ފަހު ތިން މަހުގެ ބިލްގެ ތެރެއިން)
- އައިޑީ ކާޑު
ކައުންސިލުން އިތުރަށް ފާހަގަކޮށްފައިވަނީ މަސްދަޅު ކޭސް ދޫކުރެވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށެވެ.

