ރަމަޟާން މަހާ ބައްދަލުވެ، އެ މަހު އޭނާގެ ނަފުސު ތަހުޒީބުނުވެ، ހަމައެކަނި ނަމަކަށް ރޯދަ ހިފައިފި ނަމަ، އެ މަސް އެއްކޮށް ބޭކާރު ކޮށްލެވުނީ ކަމަށް މިއަދު ޚުޠުބާގައި ބުނެފިއެވެ.
ރަމަޟާން މަހާ ކައިރިވެފައި އޮތްވާ މިއަދު މުޅި ރާއްޖެއަށް އިއްވި ޚުޠުބާގައި އަލިއަޅުވާލައިފައިވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށެވެ. އެގޮތުން، ރަމަޟާން މަހާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަހަރެމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވެގެންވާ ހާލު ރަމަޟާން މަހާ ބައްދަލުކުރުމެވެ. ރަމަޟާން މަހާ ބައްދަލުކުރަންވާނީ އެ މައްސަރުގެ ތަރުބަވީ މަދަރުސާއިން ނަފުސުތައް އިޞްލާޙުކޮށް، ހަޔާތުގެ އާ ސަފުހާތަކެއް ހުޅުވައިލުމުގެ މަތިވެރި އަޒުމާ އެކު ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
“ނަފުސު ހެޔޮ ކަންކަމަށް ތަރުބިއްޔަތުކޮށް، ހޭނުވުމަށް އެއަށްވުރެ ވަކީން ރަނގަޅު ފޯވައްސެއް ނުލިބޭނެއެވެ. އެއީ ތަޤްވާ ވެރިކަމަށް ވާސިލުކޮށްދޭ ހުރިހައި ސަބަބުތަކެއް އެ މަހެއްގައި ޖަމާވާ މައްސަރެކެވެ. އަހަރުގެ އެހެން މަސްތަކާ ޚިލާފަށް އަޅުކަމުގައި މުރާލިކަން އިތުރުކޮށް، ވަރުގަދަ އަޒުމަކާއެކު ކުރިމަތިލާންޖެހޭ މައްސަރެވެ.” ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ރޯދައިގެ ޝަރުޢީ ހުކުމްތައް ދެނެގަތުމެވެ. އެގޮތުން ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދައަށް ހުރެ ކުރުން މަކްރޫހަ ކަންތައްތައް ދެނެގަނެ އެ ކަންކަމުން ދުރުހެލިވެ ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭ ގޮތަށް ރޯދަހިފާނެ ގޮތް ދަސްކުރުން ހިމެނެއެވެ.
ޚުޠުބާގައި އަލިއަޅުވާލައިފައިވާ ގޮތުގައި ރޯދަ ހިފަންޖެހޭ ގޮތަށް ރޯދަ ނުހިފާ ނަމަ މި މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެއެވެ. އަދި އޭގެ ޒާތުގައި މައްސަލައަކަށް ނުވިއަސް ރޯދަ މަހަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކުރުމާއި ކާބޯތަކެތި ގަނެ ޖަމަޢަކުރުމަކުންނޫންކަމާއި ރަމަޟާން މަހާ ބައްދަލުކުރާ އިރު އެންމެ އިސްކަމެއް ދޭންޖެހޭނީ އެ މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ޙާސިލުކުރެވޭނެ ގޮތަށް ކަންކަން ރޭވުމަށް ޚުޠުބާގައި އިރުޝާދު ދީފައިވެއެވެ.
“ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި، ކުރަންވީ ކަންކަމުގެ ތެރޭގައި، ހާރު ކެއުން ފަސްކުޅާއުމާއި، ފަރުޟު ނަމާދުތަކަށާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރިތި ޤުރުއާން ކިޔަވާއިރު ޤުރުއާނާ މެދު ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން ދުއާކުރުން ހިމެނެއެވެ. އަނބިދަރިންނާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވައި އިޙްސާންތެރިވެ އުޅުމާއި ވަގުތުވުމުން ރޯދަވީއްލުން އަވަސްކުރުމާއި ގިނަގިނައިން ސަދަގާތްކުރުން ހިމެނެއެވެ. ތަރާވީހް ނަމާދާއި ރޭއަޅުކަން ކުރުން ފަދަ ކަންކަމަށް ޖާގަ ލިބޭނެ ގޮތަށް ކަންކަން ރާވައިލައިގެން ރަަމަޟާން މަހާ ބައްދަލުކޮށްފިނަމަ އެންމެ ފުރިހަމަ ގޮތުގައި މި މަތިވެރި ފޯވަހީގެ ބޭނުން ހިފޭނެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ފުރިހަމަ ތައުބާއަކުން ތައުބާވެގެންވާ ހާލު ރަމަޟާން މަހާ ބައްދަލުވުމުގެ ތައުފީގު އަޅަމެންނަށް ދެއްވާންދޭވެ!” ޚުޠުބާގައި ގޮވާލައިފައިވެއެވެ.
ޚުޠުބާ ނިންމާލައިފައިވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވައްސަލަމަ އަށް ޞަލަވާތް ކިޔުމަށްފަހުގައެވެ.

