މިއަހަރުގެ ރަމަޟާންމަހު އިތުރުވާނެކަމަށް ލަފާކުރެވޭ ކަރަންޓުގެ ޑިމާންޑަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ހުޅުމާލޭގައި އިތުރު ޖަނަރޭޓަރުތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ރަމަޟާންމަހު ޕީކް ގަޑިތަކުގައި 114 މެގަވޯޓަށް ކަރަންޓް ބޭނުންކޮށްފައިވާއިރު، މިއަހަރު އެ މިންވަރު 132 މެގަވޯޓަށް އަރާނެކަމަށް ލަފާކުރެވެއެވެ. މިއީ 17 މެގަވޯޓްގެ އިތުރުވުމެކެވެ.
“އަޅުގަނޑުމެން މިވަގުތު ހުޅުމާލޭގައި މިކުރާ މަސައްކަތަކީ ރޯދަމަހާއި ދިމާކޮށް ހޫނު މޫސުންވެސް މިއަންނަނީ އެހެންވީމަ ހޫނު މޫސުމަށް އިތުރު 17 މެގަވޮޓް އިންސްޓޯލްކުރުމުގެ މަސައްކަތް،” ފަހުމީ ވިދާޅުވިއެވެ. އަދި މި މަސައްކަތް ފެށުމަށް ލަސްވެފައިވަނީ ބިން ލިބުމުގައި ދިމާވި ލަސްތަކެއްގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން 13 މެގަވޯޓްގެ 2 ޖަނަރޭޓަރު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް ބޭނުންވާ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލް މިހާރުވަނީ ސްޓެލްކޯއަށް ލިބިފައެވެ. ކުރިއަށް އޮތް 8 ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލްކޮށް ނިންމައި، ޚިދުމަތްދޭން ފެށޭނެކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ރަމަޟާންމަހު ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލަން ނުޖެހޭނެކަމުގެ ޔަޤީންކަން ސްޓެލްކޯގެ އެމްޑީ ދެއްވާފައިވާއިރު، ކަސްޓަމަރުންގެ ކިބައިން ކަރަންޓް އިޤްތިޞާދުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކުރިއަށްއޮތް ރަމާޟާންމަހުގެ ތެރޭގައި ގޭބީސީތަކުން ވަރަށް ބޮޑަށްވެސް ކަރަންޓް އިޤްތިޞާދުކުރުމަށް އެ ކުންފުނިން އެދިވަޑައިގަންނަވައެވެ.

