ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކުޑަހުވަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
50 އެނދުގެ މި ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި މަޝްރޫޢު 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު އިމާރާތުގައި މެމޮގްރަފީ ޚިދުމަތް، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާއަށް ޚާއްޞަ އޯތޯ-ތިއޭޓަރެއް، އަދި ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމެނޭނެއެވެ. މީގެ އިތުރުން، ސްޓާފުންނަށް ތަމްރީނު ދިނުމަށް ބޭނުންވާ ފެސިލިޓީއެއްވެސް ޤާއިމްކުރެވޭނެއެވެ.

ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުން/ -ފޮޓޯ: ރައީސް އޮފީސް
ކުޑަހުވަދޫގައި އެއަރޕޯޓެއް ހުރުމާ ގުޅިގެން، އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭނެ އިމަރޖެންސީ އީއާރެއްވެސް މި ހޮސްޕިޓަލުގައި ޤާއިމްކުރެވޭނެއެވެ. އަދި ކޯވިޑް-19 ފަދަ ބަލިމލިމަޑުކަމުގެ ހާލަތްތަކުގައި ހޮސްޕިޓަލުގެ ޚިދުމަތް މެދުނުކެނޑި ދެވޭނެ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީވެސް ހިމެނޭނެއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 181 މިލިއަން ރުފިޔާއެވެ. ހޮސްޕިޓަލުގެ ހަކަތައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރެވޭނެއެވެ. އަދި ޕަވަރ ބެކަޕް ސިސްޓަމަކާއި، ވޭސްޓް މެނޭޖްމަންޓް ސިސްޓަމަކާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްވެސް ޤާއިމްކުރެވޭނެއެވެ.
މި އައު ހޮސްޕިޓަލް އިމާރާތް ނިމި ޚިދުމަތްދޭން ފެށުމުން، ދ.އަތޮޅުގެ ރައްޔިތުންނަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބިގަތުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.