ބޭންކިންގ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، މިއަހަރު ނިމުމުގެ ކުރިން ދ. ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމެއް ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުޢިއްޒު ވިދާޅުވީ، “އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިންގ ޚިދުމަތް ފުޅާކުރެވޭނެ” ކަމަށެވެ. މިގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޤާއިމްކުރުމުގެ މަޝްރޫޢު މިހާރު ދަނީ ކުރިއަށެވެ.
ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމް ޤާއިމްކުރެވުމުން އެރަށާއި އަދި މުޅި ނިލަންދެ އަތޮޅު ދެކުނުބުރީގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ސަރުކާރުން ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅުކަންވެސް ފާހަގަކުރެއްވިއެވެ.
ފާއިތުވި މަހު އައްޑޫ ސިޓީ ހިތަދޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާއިރު، ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު މާރުކުރުން ލާޒިމްކުރާ ޤާނޫނާއެކު ބޭރު ފައިސާގެ ދަތިކަމަށް ޙައްލު އަންނަން ފަށާފައިވާ ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޑރ މުޢިއްޒުގެ މި ދަތުރުފުޅުގައި ކުޑަހުވަދޫގައި ބީއެމްއެލް ގޮފި ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.