ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އަރިއަތޮޅު ދެކުނުބުރީ ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި، އެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކުރީ އެ ކުންފުނީގެ ރަސްމީ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. މި އަހަރުގެ ޕީކް ސީޒަނަށާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ޖަނަރޭޓަރު ބަހައްޓައި، ކޮމިޝަން ކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
މި އައު ޖަނަރޭޓަރާއެކު ދަނގެތީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުވެގެން ގޮސްފައިވާ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ރަށްތަކުގައި އެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ޚާއްޞަކޮށް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ.

