މެޑިކަލް މާފިޔާއަށް ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށާއި، އޭޕްރީލް މަހުގެ 15 އިން ފެށިގެން ހުރިހާ ބޭހެއް ހެޔޮ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެންފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ދ. މީދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ބޭސް ލިބުން ދަތިވެފައިވަނީ ބޭހުގެ އަގު ދަށްކުރުމުން، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި ވިޔަފާރިވެރިން ބޭސް އެތެރެކުރުން ހުއްޓާލުމުގެ ސަބަބުންނެވެ. އަދި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭހުގެ މައްސަލަކަން ފާހަގަކުރެއްވިއެވެ.
“އެ މައްސަލަ ހައްލުކުރުމަށް ފިނޭންސްއިން މިހާރު ޚާއްސަ އެހީތެރިކަމެއް ދީގެން މިހާރު އެސްޓީއޯއިން އެދަނީ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތްކުރަމުން” ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި، އެއްހާސް ނުވަތަ ދެހާސް އިންސައްތައިގެ ފައިދާ ރައްޔިތުންގެ ޓެކްސް ފައިސާއިން އާސަންދަ ތެރެއިން ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކުން ނަގަމުން ދިޔައީ ބޮޑު އިސްރާފެއްގެ ގޮތުގައެވެ. މިކަން ހުއްޓުވުމަށް ސަރުކާރުން އެސްޓީއޯގެ ރޭޓަށް ބޭހުގެ އަގު ތިރިކުރި ކަމަށާއި، އެކަމާ ގުޅިގެން ބޭސް ގެންނަ ފަރާތްތަކުން ދަތިކުރުމުގެ ސަބަބުން ބޭސް މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ.
15 މާރިޗުގެ ނިޔަލަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ގެނެސް، އެސްޓީއޯގެ ބޭސްފިހާރަތަކުން އެއްވެސް ކަންބޮޑުވުމެއްނެތި ރައްޔިތުންނަށް ލިބޭނެ ކަމަށާއި، އޭޕްރީލް 15 އިން ފެށިގެން އެންމެ ޒަރޫރީ ބޭސްތަކުގެ އިތުރުން އެހެން ހުރިހާ ބޭހެއްވެސް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބެން ހުންނާނެކަން ރައީސް ޔަގީންކޮށްދެއްވިއެވެ.

