މިހަފުތާގެ ބުރާސްފަތި ދުވަހު 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ރަމަޟާންމަހުގެ ކުރިން ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް އެކި ފަހަރުމަތިން ދެންނެވިނަމަވެސް، އެކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށާއި އެހެންނަމަވެސް، ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވާ ފަދައިން، ރަމަޟާންމަހުގެ ކުރިން ލިސްޓު އާންމުކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
“ރައްޔިތުން ގާތަށް އައިސް އަޑުއަހާލީމަ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުން އަޅުގަނޑަށް އެނގޭނީ، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތިޔަ ބޭފުޅުންނަށް ލިބިލައްވާ ހިތްހަމަޖެހުމެއް ވިއްޔާ. އަޅުގަނޑު ބޭނުން ވަނީ މިގޮތަށް ގުޅިފައި އޮންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ގާތުން ޚިދުމަތްކޮށް، ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ކުރަންކަން، އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވެސް ދަންނަވަން ބޭނުން،” ރައީސް ޑރ މުއިއްޒު،
ސަރުކާރުން ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއްގެ ގޮތުގައި ދެކޭކަމަށާއި، އެންމެ ކުޑަ ރަށުގައި ހުންނަ ރައްޔިތަކީވެސް އެންމެ ބޮޑު ރަށުގައި ދިރިއުޅޭ ރައްޔިތެކޭ އެއްހަމައެއްގައި ބަލާ ފަރާތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތް ދިނުމުގައިވެސް މި ޢަދުލުވެރިކަމާއި އިންސާފުވެރިކަން ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ.