ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަޙައްދެއް ގާއިމްކޮށްފިއެވެ.
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ މަސްޖިދުލް ވާލިދައިން ކައިރީގައި ހުޅުވި މި ޕާކިން ސަރަހައްދުގެ ސަބަބުން ޕާކު ކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ދަތުރު ފަތުރާއި މަދަނީ އުދުހުންތާކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.
ދަތުރު ފަތުރާއި މަދަނީ އުދުހުންތާކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެޕިކްގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ 1 އަހަރު ތެރޭ ކުރެވުނު މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށާއި، މީގެ ތެރޭގައި މާލެ ސަރަހައްދުގައި ގިނަ ދުވަސް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ހުރި އުޅަނދުތައް ނެގުމާއި، ގަވައިދާ ޚިލާފަށް ޕާކު ކުރުމާއި ސުކޫލް އަދި މިސްކިތް ފަދަ ތަންތަނަށް އުނދަގޫވާގޮތަށް އުޅަނދު ޕާކު ކުރުމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަމަޟާންމަހު އާންމުންނަށް ލުއި ފަސޭހަކުރުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުވިގެން ދިޔަ މި ބިމުގެ ސަބަބުން ޕާކިިންއަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވަޒީރު އަމީން ވިދާޅުވި އިރު، މި ޕާކިން ސަރަހައްދުގައި 100 އެއްހާ ކާރު ޕާކްކުރެވޭނެ ކަމަށް މައުލޫމާތުލިބެއެވެ.
ރަމަޟާން މަހަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް މަސައްކަތް ކުރިއަށް ގެންދާ މަހެއްކަމަށާއި މި އަހަރުވެސް ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ސީޕީ ޝުޖާއު ވަނީ ވިދާޅުވެފައެވެ.

