ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިންމުމަށްޓަކައި މާލެ ސަރަހައްދުގައި ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނިކުންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވި ގޮތުގައި މާދަމާ ރީޑިންގް ނެގުމަށްފަހު، ދެން ރީޑިންގް ނަގާނީ ރޯދަ މަސް ނިމުމުން އަންނަ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގެ ގޭބިސީގެ ރީޑިން އެއް ދުވަސް ތެރޭގައި ނަގައި ނިންމާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އެގޮތަށް ހެދުމަށް މި ނިންމި ސަބަބަކީ މިދިޔަ އަހަރު ދެ ބިލުން ވެސް ޑިސްކައުންޓު ދޭން ޖެހުނު، ބިލް ކޮށްފައި ހުރިގޮތުން. އެހެންވެ، އެކަން ހައްލުކުރަން އެއް މަހަށް ބިލް ކުރާ ގޮތަށް މިފަހަރު މި ނިންމީ،” ސަލީމް ވިދާޅުވި އެވެ.
ސްޓެލްކޯއިން މީގެ ކުރިން ބިލް ތައްޔާރު ކުރާއިރު 12 ދުވަހުގެ ތަފާތު އުޅޭތީ، މިދިޔަ އަހަރު ބައެއް ގެތަކަށް ދެ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދޭން ޖެހުނެވެ. އެކަން ތަކުރާރުވިޔަ ނުދިނުމަށް މިފަހަރުގެ ބިލު ތައްޔާރުކުރުމަށް ނިންމާފައިވަނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއްގެ ގޮތުގައެވެ.
މާދަމާ ރީޑިންގް ނަގަން ފަށާއިރު ރައްޔިތުން އެއްބާރުލުން ދިނުމަށް ސްޓެލްކޯއިން އެދިފައިވާ އިރު، ގޭގައި ގިނަވަގުތު ނޫޅޭނަމަ، އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ ވަގުތަކާ ދިމާކޮށް ރީޑިންގް ނަގަން މުވައްޒަފުން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

