ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ސީނިއަރ މެއިންޓަނަންސް އޮފިސަރ އާގިލް ޝަމީމް ނިޔާވެއްޖެއެވެ.
އޮފީހުގެ މަސައްކަތުގައި އުޅެނިކޮށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން އާގިލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އެޑްމިޓްކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އާގިލް ނިޔާވީ ރޭގެ ވަގުތެއްގައެވެ.
ޕީއެސްއެމްގެ ކޯޕަރޭޓް ސެކްޝަންގައި ސީނިއަރ މެއިންޓަނަންސް އޮފިސަރގެ މަގާމުގައި ހުރި އާގިލްއަކީ ހިތްހެޔޮކަމާއި އެހީތެރިކަމުގެ ރަމްޒަކަށްވީ މުވައްޒަފެއް ކަމަށް އެމީޑިއާގެ ހަބަރުގައި ބުނެފައިވެއެވެ. އަދި އޮފީހުގެ އެންމެހާ މުވައްޒަފުންނަށް އެކި ކަންކަމުގައި އެހީތެރިވުމުގައި އާގިލްއަކީ އަބަދުވެސް ކުރިއަށް ނުކުންނަ މުވައްޒަފެއްކަމަށްވެސް ޕީއެސްއެމްގެ މެނޭޖްމަންޓުން ވަނީ ފާހަގަކޮށްފައެވެ.
އާގިލްއަކީ ޕީއެސްއެމްގެ އެކި ޕްރޮގްރާމްތައް ޝޫޓްކުރުމަށް ސްޓޫޑިއޯތައް ތައްޔާރުކުރުމުގައި އިސް ދައުރެއް އަދާކުރި މުވައްޒަފެކެވެ. އަދި އޮފީހުގެ މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރަމުން ގެންދިޔަ ފަރާތެއްވެސްމެއެވެ.
މަރްހޫމް އާގިލް ޝަމީމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. އާމީން!