ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރަސްމީ ދަތުރުފުޅެއްގައި ހއ. އިހަވަންދުއަށް ވަޑައިގެންފިއެވެ.
އެކަމަނާ އިހަވަންދުއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ވަނީ އެކަމަނާއަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމެވެ. މިކަމަށްޓަކައި އިހަވަންދޫ ސްކޫލުގައި މިއަދު ހަވީރު ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތަށްފަހު އެކަމަނާ ސިއްޚީ މަރުކަޒަށް ވަޑައިގެން ޑައިލިސިސް ޔުނިޓްގެ މަސައްކަތްތައް ބައްލަވާލައްވާނެއެވެ.
މީގެއިތުރުން، “ފުއްޓަރު އުފާ” ގެ ނަމުގައި އިހަވަންދޫގައި ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނުގެ ބިންގާ އެޅުއްވުންވެސް މި ދަތުރުފުޅުގައި ހިމެނެއެވެ. މި މައިޒާނަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އޭ.ކޭ.އެޗް ފައުންޑޭޝަން ގުޅިގެން ތަރައްޤީކުރާ މައިޒާނެކެވެ.
އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިދިޔަ ޖެނުއަރީމަހު އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި، ރަމަޟާންމަހުގެ ކުރިން މި ރަށުގައި ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
މިވަގުތު އިހަވަންދޫގައި ޑައިލިސިސް ހަދަންޖެހޭ 10 ޕޭޝަންޓުން ތިބިއިރު، މި ޚިދުމަތް ހޯދުމަށް އެ މީހުން ދާންޖެހެނީ ހއ. ދިއްދޫ ނުވަތަ ކުޅުދުއްފުށި ސިޓީއަށެވެ. މިއީ ރައްޔިތުންގެ އަތުން ބޮޑު ޚަރަދެއް ހިނގާކަމެއް ކަމަށްވާތީ، ރަށުގައި މި ޚިދުމަތް ފެށުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއްކަމުގައި ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.