ރެއިން ފެށިގެން މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި އައިޖީއެމްއެޗާއި ވެސްޓްޕާކް ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގެ އިތުރުން ސަލްމާން މިސްކިތް ހުންނަ ސަރަހައްދު ހިމެނެއެވެ. މި ސަރަހައްދުތަކުގައި އެމްއެންޑީއެފްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަވީރު 4:00 އިން މިރޭ 8:00 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުރި ރަށްތަކަށް ރީނދޫ އެލާޓް ނެރެފައިވެއެވެ.
ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ދަތިތަކާ ގުޅިގެން ސަރުކާރުން ވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ “މޫސުން ގޯސްވުމާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު މަސައްކަތް ފަށާފައިވާ” ކަމަށެވެ.
އަދި މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާވެސް ފަސޭހަ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

