ގެއްލިގެން ހޯދި ގދ. ފިޔޯރީއިން ގއ.ދެއްވަދޫއަށް ދަތުރުކުރި ޑިންގީ ފެނިއްޖެއެވެ.
ފުލުހުން ‘ހުވަދޫ މީޑިއާ’ އަށް މަޢުލޫމާތުގައިވާ ގޮތުގައިި، މި ޑިންގީއަކީ މިއަދު މެންދުރުފަހު 14:15 ގައި ކަރާ ބަރުކޮށްގެން ގދ. ފިޔޯރީން ގއ. ދެއްވަދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީއެކެވެ. ޑިންގީ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ ހަވީރު 18:12 ގައެވެ.
މި ޑިންގީގައި ދަތުރުކުރީ ގދ. ފިޔޯރީ ކަނދޮޅު، ޝާކިރު އިބްރާހިމްއާއި، މާވެލަސް، މުޙައްމަދު ދީދީ (ކުދުބެ) އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުހައިލްއެވެ.
ގެއްލުނު ޑިންގީ ސަލާމަތުން ދެއްވަދޫއަށް ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިރޭ 22:34 ގައެވެ.
އެމްއެންޑީއެފްއިން މި މަޢުލޫމާތު ހާމަކުރުމާއެކު، ޑިންގީގެ ދަތުރުވެރިންގެ ސަލާމަތާމެދު އުފެދިފައިވާ ކަންބޮޑުވުންތައް ވަނީ ފިލައިގޮސްފައެވެ.