ބ.ކުޑަރިކިލަށް ބޯކޮށް ވާރޭވެހި މަގުތަކާއި ގެތަކުގައި ފެންގަނޑު ބޮޑުވެއްޖެއެވެ.
ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް ވިދާޅުވިގޮތުގައި އިއްޔެ ހަވީރުން ފެށިގެން އެ ރަށަށް ކުރި ވިއްސާރާގައި 9 ގެއަކަށް ފެން ވަދެ ހިފައި ގެންގުޅޭ ހުރިހާ ސާމާނަކަށް ގެއްލުންވެފައިވާ ކަމަށެވެ.
އެ ރަށުގެ ސްކޫލަށް ވެސް ވަނީ ފެން ވަދެފައިވާއިރު، ސުކޫލަށް ވަނީ ވަރަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ސްކޫލްގެ އާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ގެއްލުން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
ރަށުގެ ފެން ހިއްކުމުގެ މަސައްކަތް ރަށު ކައުންސިލާއި ފެނަކަ ގުޅިގެން ކުރަމުން އަންނަ އިރު، މިހާރު ފެން ޕަންޕު ޖައްސައިގެން ވަރަށް ބޮޑު ބައި ހިންދާފައިވާ ކަމަށް ހަންނާނު ވިދާޅުވިއެވެ.
ހަންނާނު އިތުރަށް ވިދާޅުވިގޮތުގައި ކުރިން ފެން ވަދެފައިވާ ގެތަކުގައިވެސް އިތުރަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވެރި ރަށް މާލެ އާއި މާލެ ކައިރި ގިނަ ރަށްރަށުގައި ވެސް ވަނީ ފެން ބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

