ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޢަރަބި ޤައުމުތަކުން މި ހުށަހެޅުމަށް ރުހުން ދިނުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި ޢަރަބި ޤައުމުތަކުގެ ސަމިޓުގައި ފާސްކޮށްފައިވާ މި ހުށަހެޅުމަކީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސައްވުރާ ޚިލާފަށް، ޣައްޒާގެ މުސްލިމުން އެމީހުންގެ ވަޒަނުގައި ދިރިއުޅެވޭނެ ގޮތް ހޯދައިދިނުމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުމެކެވެ.
ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި “މި ހުށަހެޅުމަކީ ޣައްޒާގެ ކަމާގުޅުންހުރި އިދާރާތަކުގެ ލަފާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ މަސައްކަތަކަށްވާތީ، ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަނުގައި ރައްޔިތުން ބޭނުންވާފަދަ ދިރިއުޅުމެއް އާރާސްތުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެ” އެވެ.
މިޞްރުގެ ހުށަހެޅުމުގެ މައިގަނޑު ބައިތައް
މިޞްރުގެ ހުށަހެޅުމުގެ ފުރަތަމަ މަރުޙަލާގައި، ހަ މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާނެ ކޮމިޓީއެއް އެކުލަވާލުމާއި، ޞަލާޙުއްދީން މަގު ސާފުކޮށް، 200,000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތުގެ ތެރެއިން 1.2 މިލިޔަން މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މިޞްރުން ލަފާކުރެއެވެ.
އަދި ދެވަނަ އަދި ތިންވަނަ މަރުޙަލާގައި އިތުރު 400,000 ގެދޮރު ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، 1967 ގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ވެރިކަން ކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.
މިޞްރުން ބުނީ، ޣައްޒާ އަލުން އާރާސްތު ކުރުމަށް 53 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.
ޣައްޒާ އާރާސްތު ކުރުުމާ ގުޅޭ މަޝްވަރާތައް ޢަރަބި ޤައުމުތަކުން ފަށާފައި މި ވަނީ، އެ ސަހަރުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި އެ ސަހަރުގެ ރައްޔިތުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށް ބިމާ ހަމަކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ.
އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

