މަސްތުވާތަކެތި ހުއްޓުވުމުގެ އޮޕަރޭޝަނެއްގައި ދިވެހިރާއްޖެއަށް ދަތުރުކުރަމުންދިޔަ އުޅަނދަކުން 33 ކްރޯރު ރުޕީސް (58 މިލިއަން ރުފިޔާ) ގެ މަސްތުވާތަކެތި އިންޑިއާގެ ކޯސްޓް ގާޑުން އަތުލައިގަނެފިއެވެ.
ޑިފެންސް މިނިސްޓްރީގެ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވާ ގޮތުން އެ ގައުމުގެ ކޯސްޓް ގާޑާއި ޑިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން ކާމިޔާބުކަމާއެކު ދިވެހިރާއްޖެއަށް އިންޑިއާގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި އުފުލަމުންދިޔަ އުޅަނދެއް ހުއްޓުވައި، އެ ޓްރާންސްޝިޕް ކުރުން ހުއްޓުވާލެވުނު ކަމަށެވެ.
އެގޮތުން، ދިވެހިރާއްޖެއަށް ދަތުރުކުރަމުންދިޔަ ޓަގު ބޯޓަކާއި އެ ބޯޓުން ދަމަމުންދިޔަ ބާޖެއްގައި މަސްތުވާތަކެތި އުފުލަމުންދާކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބުމުން މި ދެ އުޅަނދު ވަނީ މަނާރު ކަނޑުގެ ދެކުނުން ހުއްޓުވާފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މަސްތުވާތަކެއްޗާއެކު 9 މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި ބޯޓުން ފެނިފައިވަނީ 30 ކިލޯގެ ހަޝިޝް އޮއިލް ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ބަރުދަނަކީ ގާތްގަނޑަކަށް 30 ކިލޯއެވެ. އަދި ބައިނަލްއަޤްވާމީ ބާޒާރުގައި އޭގެ އަގަކީ 33 ކްރޯރު ރުޕީސްކަމަށް ލަފާކުރެވޭ ކަމަށްވެސް ވެއެވެ.