ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތަކާއި މައްސަލަތައް ބެލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ހަރަކާތްތެރިވާން ފަށައިފިއެވެ.
އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން، މި މައްސަލަތައް ތަޙްޤީޤުކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ވަޒީރުގެ ހުއްދައާއެކުގައެވެ.
އެލްޖީއޭގެ 6 މެންބަރުންގެ ޓީމެއް މިއަދުން ފެށިގެން 13 މާރިޗު 2025 އާ ހަމައަށް ތިނަދޫ ސިޓީއަށް ޒިޔާރަތްކޮށް، ތިނަދޫސިޓީ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތަކާތަކާއި މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މި ޓީމުގައި ހިމެނެނީ
- ޑިރެކްޓަރ އަބްދުﷲ ރަޝީދު،
- އެސިސްޓަންޓް ޑިރެކްޓަރ އަބްދުﷲ މުއުމިން،
- އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝާފިއު،
- ސީނިއަރ ސިސްޓަމްސް އެނަލިސްޓް ޙަސަން އިސްމާއިލް،
- އޮޑިޓަރ އާދަމް ފުރުޤާން، އަދި އެސިސްޓަންޓް ލީގަލް އޮފިސަރ އަޙްމަދު ރާއިޒްއެވެ.

