ކުރިއަށްއޮތް 2 ދުވަހު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ، އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އަދި ހަމައެއާއެކު، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.