އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުން ދަތި އުނދަގޫ ހާލެއްގައި ދުވަސް ހޭދަކުރަމުންދާ ޣައްޒާގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ފޮނުވި ދެ މިލިއަން މަސްދަޅުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް މިހާރުވަނީ އެ ސަރަހައްދަށް އެތެރެކޮށްފައެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި، މިސްރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް 374,400 މަސްދަޅު ވަނީ 13 ފެބްރުއަރީ 2024 ގައި ޣައްޒާއަށް ފޯރުކޮށްދެވިފައެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރުން “ފަލަސްތީނާއެކު ދިވެހީން” ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އަށް ޖަމާކޮށްދީފައެވެ.
ފޮރިން މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދިވެހި ސަރުކާރުން ދަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. އަދި މި އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއިން ދަނީ ގޮވާލަމުންނެވެ.
ޣައްޒާގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ފޯރުކޮށްދޭ އިންސާނީ އެހީގެ ތެރެއިން ބާކީ ހުރި މަސްދަޅުތައް ވެސް ވީ އެންމެ އަވަހަކަށް އެ ސަރަހައްދަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

