ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވާ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަރ 1 / މާލެ، މުޙައްމަދު ސިމްރާޙް (43އ) އަދި ގދ. ރަތަފަންދޫ / ޒަމާނީއާގެ، ޞަލާޙު ޝިހާބް (45އ) އެވެ.
މި އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި، ހައްޔަރުކުރެވުނު މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 57.78 ގުރާމެވެ. އަދި މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ވެސް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ސިމްރާޙް (43އ) އާއި ޞަލާޙު ޝިހާބް (45އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ނަމަވެސް އިބްރާހީމް އިމާދު (30އ) ކޯޓުން ވަނީ ދޫކޮށްލާފައެވެ. މި ނިންމުމާ ގުޅިގެން، އިބްރާހީމް އިމާދުގެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން މިހާރުވަނީ ހުށަހަޅާފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.