އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު މީސްމީޑިއާގައި ހިއްސާކޮށް އާންމުނުކުރުމަށް އިލްތިމާސްކޮށްފިއެވެ. މި ބަޔާނުގައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދައިން މަޢުލޫމާތު އާންމުކުރުމާއި، މައްސަލަތަކާ ގުޅުވައި ކުޑަކުދިންގެ ފޮޓޯ އާންމުކުރުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
ވުޒާރާއިން ފާހަގަކޮށްފައިވާ، އާންމުކޮށް ފަތުރައި ނުހެދުމަށް އެދިފައިވާ، މުހިންމު ނުކުތާތައް:
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ޒާތީ މަޢުލޫމާތު އާންމުކުރުން
- ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެނޫންވެސް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތު ހާމަކުރުން
- ކުދިންގެ ތަސްވީރު ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް މީޑިއާގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކުރުން
މީސްމީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، ކުދިންނަކީ ކޮން ބައެއްކަން އާންމުންނަށް އެނގި، އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމީ ވުޒާރާއިން ކަންބޮޑުވާ ކަމެއްކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯ އާއި ވީޑިއޯތައް މީޑިއާގައި ދައުރު ނުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.