ދިވެހިރާއްޖޭގެ އިޤްތިޞާދީ މަސްރަޙުގައި ޒުވާނުން އަމިއްލަ ފައިމައްޗަށް ތެދުވެ، އައު ވިޔަފާރިތަކަށް ކުރިމަތިލާން ފެށުމަކީ މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ އުފާވެރި މަންޒަރެކެވެ. މިފަދަ ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކީ ޒުވާން ދަނޑުވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ އައްޑޫސިޓީ، މީދޫއަށް އުފަން އަބްދުﷲ ރަމްޒީއެވެ. ހިތްވަރާއި ޢަޒުމާއެކު ނޫކަށި ފުރައިގައި ރަމްޒީ ފެށި ދަނޑުވެރިކަމުގެ މަސައްކަތަކީ މިއަދު ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކާމިޔާބު މަސައްކަތެކެވެ.

ރަމްޒީގެ ދަނޑުތަކުގެ ތެރެއިން ޑްރެގަން ފްރުޓްގެ ބާވަތްތައް ހައްދާފައިވާ ދަނޑު—-ފޮޓޯ: އިޝާ/ހުވަދޫ މީޑިއާ
މަސައްކަތަށް ވަަދެވުނު ގޮތް
އެންމެ ފުރަތަމަ ރިސޯޓެއްގައި މަސައްކަތްކުރި ރަމްޒީއަށް އެއް މަންޒަރަކަށް ފެނިގެންދިޔައީ ދިވެހިރާއްޖެއަށް ތަރުކާރީއާއި މޭވާ އިމްޕޯޓްކުރާ މަންޒަރެވެ. މިކަމާމެދު ފުންކޮށް ވިސްނާލަމުން ރަމްޒީގެ ސިކުނޑިއަށް ވިސްނިގެންދިޔައީ ރާއްޖޭގަ މި ކާނާ ނުހެއްދޭނެ ސަބަބެއް ނެތްކަމެވެ. މި ވިސްނުން ސިކުނޑީގައި ވަޅުޖެހިފައިވަނިކޮށް ރަމްޒީ ދަނޑުވެރިކަމުގެ ތެރެއަށް ފިޔަވަޅު އެޅީ ޖޯޝާއި ފޯރީއާއެކު ކެރިގެންނެވެ. އެހެންނަމަވެސް، ކޮންމެ ހަނގުރާމައަކަށް ވެސް ދެކޮޅުވެރިން ނުކުންނަ ފަދައިން ރަމްޒީގެ ފައިގައި ދަތި އަޅުވައި ވައްޓާލަން އެތައް ބަޔަކު މަސައްކަތްކުރިއެވެ. އެހެންނަމަވެސް، ރަމްޒީ މިއިން އެއްވެސް ކަމަކަށް ގުޑިވެސް ނުލާފަދައެވެ. މަސައްކަތައިގެން ކުރިއަށް ދިޔައީ އިހުނަށްވުރެ ވެސް ކެރިގެން މާ ފޯރީގައެވެ.
ަރަމްޒީ އެންމެ ފުރަތަމަ ވެސް ދަނޑުވެރިކަން ކުރީ ޑްރެގަން ފުރުޓްގެ ބާވަތްތަކުންނެވެ. އޭނާ ދެކޭގޮތުގައި ގޮތުގައި ޑްރެގަން ފުރުޓްއަކީ ރާއްޖޭގެ މޫސުމަށް ރަނގަޅު، މެއިންޓަނަންސް ޚަރަދު ކުޑަ، އަދި ޕެސްޓިސައިޑްގެ ބޭނުން ކުޑަ މޭވާއެކެވެ.
“2018 ވަނަ އަހަރު ނޮވެމްބަރު މަހު ރަށަށް ބަދަލުވެ، މި މަސައްކަތް ފެށުމަށްޓަކައި ފުރަތަމަ އަހަރު އެއްވެސް އާމްދަނީއެއް ނުލިބި ހޭދަކުރަން ޖެހުނު. 2019 ވަނަ އަހަރު ނޮވެމްބަރު މަހު ރަށު ކައުންސިލުން ބިމެއް ލިބުމާއެކު، ރަނގަޅު ޕްލޭނަކާއެކު މަސައްކަތް ފެއްޓިން. ބިން ސާފުކުރުމުގައިވެސް ބޮޑެތި މެޝިނަރީ ބޭނުންނުކޮށް، އަމިއްލަ ބުރަ މަސައްކަތުން ކުރިއަށް ދިޔައީ. ބޭނުމެއްނުވި އެއްވެސް ހެވީ ވެހިކަލް ވައްދަން ބިންގަނޑު ހަލާކުވާނެތީ. އެހެންވެ ހަމަ އަތުން ފުރޯއާ ކަތިވަޅި ހިފައިގެން އައިއްސަ މިތަން ސާފު ކޮށްފަ ދެން ފުރަތަމަ ކޮންކްރިޓް ތަނބު އަޅައިގެން ޕްލޭންކޮށްގެން އެ ކުރެހިތަނުގަ ހަމަ ފީތާ އަޅައިގެން ޖަހަންފެށިގޮތަށް ޖަހައިގެން އައިސް 2020 ނޮވެމްބަރ 19 ވަނަ ދުވަހު ފުރަތަމަ ގަސް ޕްލާންޓް ކުރީ” ރަމްޒީ ކިޔައިދިނެވެ.
މި ޒުވާން ދަނޑުވެރިޔާގެ ކާމިޔާބީގެ ސިއްރަކީ ރަނގަޅު ޕްލޭނިންގ އާއި ދުރާލާ ވިސްނުމެވެ. ފާމް ހައުސްގެ ކުރެހުންތަކާއި، ވަޅު ކޮނުމާއި، ގަސްތައް އިންދާނެ ގޮތުގެ ޕްލޭން ތައްޔާރުކޮށްގެން މަސައްކަތް ފެށުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ދެކުނެވެ. މިއަދު އޭނާގެ މި މަސައްކަތަކީ އެހެން ޒުވާނުންނަށްވެސް މިސާލަކަށްވެ، ގިނަ ބައެއްގެ ތަޢުރީފު ލިބެމުންދާ ކާމިޔާބު ކަމަކަށް ވެފައިވެއެވެ.
ރަމްޒީ ‘ޒުވާން ދަނޑުވެރިޔާ”ގެ ނަމުން މަޝްހޫރުވުން
ރަމްޒީ ކިޔައިދިން ގޮތުގައި ތަފާތު ޔުނިކް ފްރުޓެއް ހެއްދީމަ ބަލަން އަންނަމީހުން ގިނައެވެ. ޒުވާން ކުދިން ދަނޑުވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި ‘ޒުވާން ދަނޑުވެރިޔާ’ގެ ނަމުގައި ޓްވިޓަރ (މިހާރުގެ ނަމުން ނަމަ އެކްސް) ގައި ރަމްޒީ އެކައުންޓެއް ހުޅުވިއެވެ.
“ތަފާތު ޔުނިކް ފްރުޓެއް ހެއްދީމަ ބަލަން އަންނަމީހުން ގިނަ. ދިވެހިރާއްޖޭގަ ވައިގަ ހިފައިފި މި ޑްރެގަންފުރުޓް. ދެން ބައެއްމީހުން ކިޔާއުޅެން ފަށައިފި ޑްރެގަން ފްރުޓް ކިންގް އޭ! ދެން އެހެން އައިސް މަޝްހޫރުވިއިރު ޓްވިޓާ ހެންޑަލް އެއް ހެދީ ޒުވާން ދަނޑުވެރިޔާގެ ނަމުން. އަސްލު ބޭނުންވީ އެހެން ޒުވާން ކުދިންނަށް ހިތްވަރުދޭން. އެހެންވެގެން އަސްލު އެނަން ބޭނުން ކުރީ. ކޮންމެހެން ޒުވާން ވެގެނެއްވެސް ނޫން. ޒުވާން ވާކަށްވެސް ނޫން. ހަމަ ޒުވާން ކުދިންތަކެއް މި ދާއިރާއަށް ނެރެވޭނި އެމީހުން މޯޓިވޭޓް ވާ ކަހަލަ ޓެކްނިކްސްތަކެއް ބެނުންކޮށްގެން. ސްމާރޓް ފާރމިންގ ގެ ގޮތުގައި ދައްކައިގެން. އުދައްޔާ ފަކީރާ ހިފައިގެން ކޮންމެ ދުވަހަކު ކޮންނަން ނުޖެހޭ މަސައްކަތެއްގެ ގޮތުގައި ދައްކައިގެން. އެއީ އަސްލު މިކަން ފެށުނު ގޮތަކީ.” ރަމްޒީ ހާމަކުރިއެވެ.
ރަމްޒީގެ ދަނޑުގައި ހައްދާ ބައެއް ބާވަތްތައް
މިއަދު ދިވެހިރާއްޖޭގެ އެންމެ ބޮޑު ކިއުކަންބާ ފާރމް ގެ އޯނަރު ރަމްޒީ ކިޔައިދިން ގޮތުގައި މިހާރު ވަރަށް ތަފާތު ބާވަތްތައް އޭނާގެ ދަނޑުގައި ހައްދަމުންދެއެވެ. އެގޮތުން:
- 60 ވައްތަރެއްގެ ޑްރެގަންފުރުޓް
- މަލްޓި ކްރާފްޓެޑް ރޯސް އެޕަލް
- 5 ވައްތަރެއްގެ ލުނބޯ
- 3 ވައްތަރެއްގެ ފޭރު
- 3 ވައްތަރެއްގެ ކުންނާރު
- 11 ވައްތަރެއްގެ މޭބިސްކަދުރު

ރަމްޒީ ޑްރަގަން ފްރުޓާއެކު—-
އާމްދަނީ
“މިތަނުން ލިބޭނެ އެއް ޑްރެގަން ފުރުޓް ސީޒަން އަކުންވެސް ލައްކައެއްހާ ރުފިޔާ. ހަމައެކަނި މޭވައިން. މިވަގުތު އެބައިން މޭވާއަށް ބަލަންޏާ ޖެނުއަރީގަ ފޮޅުނު މާތައް ފެބްރުއަރީ 12 ގަ ހާރވެސްޓް ކުރެވެން. 115 ފުރުޓްވެސް އެބައިން. މިހާރު ނިކުންނަތާނގަ އެބައިން 400 ފްލާވަރ ބަޑްސް. އެހެންވީމަ 700+ ފުރުޓު މިތަނުން މިވަގުތުވެސް ހާވެސްޓް ކުރެވޭނެ” ރަމްޒީ ކިޔައިދިނެވެ.
ކުރިމަތިވި ގޮންޖެހުން
މި ދާއިރާއިން ކުރިއަރައި ދިއުމަށް ރަމްޒީއަށް ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. މީގެ ތެރޭގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިމްޕޯޓް ކުރުމުގެ ދަތިކަމެވެ. މީގެ އިތުރުން، ދަނޑުވެރިކަމަށް ފައިނޭންސް ހޯދުމުގެ ދަތިކަމާއި، އެސް.އެމް.އީ ލޯނު ނެގުމުގެ އުނދަގޫ މަރުޙަލާތަކަކީވެސް ރަމްޒީއަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ. އަދި ހަމައެހެންމެ، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރާއި، އިންޝުއަރެންސްގެ ޚިދުމަތް ނެތުމަކީވެސް ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަރައި ދިއުމަށް ރަމްޒީއަށް ހުރަސްއެޅި ކަންކަމެވެ.
އެންމެ ހިތްވަރުދިން މީހުން
ރަމްޒީ ފާހަގަކުރައްވާ ގޮތުގައި، އޭނާގެ ދަނޑުވެރިކަމުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުންނެވެ. ޚާއްޞަކޮށް، ރަމްޒީގެ މައިންބަފައިންނާއި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަން ފާހަގަކުރެއެވެ. މީގެ އިތުރުން، އައްޑޫ ސިޓީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދުގެ އެހީތެރިކަމާއެކު، މިކަން ފެށުމަށް ބާރުއެޅުނު ކަމަށް ރަމްޒީ ބުނެއެވެ. މިއަދު ފެންނަން ހުރި ކާމިޔާބީއަކީ އޭގެ ތިން ހަތަރު އަހަރު ކުރިން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާކަމަށް ރަމްޒީ ދެކެއެވެ.
“އެމީހުން ނުވާނޭ ބުނީމަ ބޭނުންވީ އެކަން ކޮށްފަ ދައްކަން” ރަމްޒީ ފަޚުރާއެކު ބުނެލިއެވެ.
މި ވާހަކައިން އަޅުގަނޑުމެންނަށް އެނގިގެންދަނީ ހިތްވަރާއި ޢަޒުމް ހުރިނަމަ، އެއްވެސް ކަމެއް އުނދަގޫ ނުވާނެކަމެވެ. އަދި މީހުންގެ މަލާމާތާއި ފާޑުކިޔުންތަކަށް ބަލައި، އަޅުގަނޑުމެންގެ ހުވަފެންތައް ދޫކޮށްނުލާ ކުރިއަށްދާން ޖެހޭކަމެވެ. މިއަދު މި ޒުވާން ދަނޑުވެރިޔާއަކީ ކުރިން މަލާމާތްކުރި މީހުންގެ ތަޢުރީފު ލިބޭ، އަދި އެހެން ޒުވާނުންނަށް މަގުދައްކައިދޭ ނަމޫނާއެކެވެ.
ހުވަދޫޓީމުގެ ފަރާތުން އެދެނީ ޒުވާން ދަނޑުވެރިޔާއަށް އަދަށްވުރެ ފަހި ފެހި މާދަމާއަކަށެވެ. އަދި އޭނާ އުއްމީދުކުރާ ފަދައިން ރާއްޖެއަށް ބޭރުން ތަރުކާރީ މޭވާ އިމްޕޯޓް ކުރަން ނުޖެހޭނެ ދުވަހެއް އަވަސް މުސްތަގުބަލެއްގައި ފެނިގެންދިއުމެވެ.