ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި، ތިން ފަރާތަކަށް ދަޢުވާކުރުމަށް ރައީސްގެ އާއިލާއިން ނިންމަވައިފިއެވެ.
މި ނިންމުން ނިންމަވާފައިވަނީ ރައީސްގެ 13 އަހަރުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒުއާ ގުޅޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ދަރިކަލުން އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލު އެއްވެސް ގޮތަކަށް ކުރާ ނުވަތަ ކޮށްފައިވާ ކުއްޖެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތަކާއި ސިޔާސީ ވިސްނުންފުޅާމެދު އެއްވެސް ފަރާތަކުން ދައްކާފައިވާ ވާހަކައަކަށް އަދި ފާޑުކިޔުމަކަށް އެއްވެސް އެއްޗެއް ބުނެ ފިޔަވަޅެއް އަޅާފައި ނުވާނެކަން ފާހަގަކުރަައްވައި، މެޑަމް ސާޖިދާ ވިދާޅުވީ، މިފަހަރު ފިޔަވަޅު އަޅުއްވަން ނިންމަވާފައިވަނީ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެ ކުދިންގެ ނަމާއި ކަރާމާތް ނަގާލައި، ކުޑަކުދިންނަށް ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، މަންމައެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި މިއީ އެންމެ ފުރަތަމަ އަދި އެންމެ އިސް ވާޖިބު ކަމުގައިވެސް ވިދާޅުވިއެވެ.
“މިއަދު އަޅުގަނޑުގެ ކުދިންނާ، ޚާއްޞަގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ޤަޞްދުކޮށްފީމެވެ. އެއީ ތިޔައިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ އަޅުގަނޑުގެ ދަރިން ކަމުގައިވީތީއެވެ!”
ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން މަދަނީ މައްސަލައެއްގެ ގޮތުގައި ދަޢުވާ ކުރުމަށް ނިންމަވާފައިވަނީ މަރިޔަމް ޒުބައިރާއި، ފައްޔާޟް އިސްމާޢީލް އިތުރުން އެމްޑީޕީއަށެވެ. މި ހަފުތާގެ ތެރޭގައި މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ވަނީ ބަޔާން ކޮށްފައެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، އެންމެ ދޮށީ ދަރިފުޅާއި، 8 އަހަރުގެ ހަގު ދަރިފުޅަށް ގަނާކުރުމާއި ފުރައްސާރަކުރުމުގެ މަސައްކަތްތަކެއް އިސްވެދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާ ކަމަށާއި ބަލައިގަންނަން އުނދަގޫ ކަމެއްކަމުގައެވެ
މި ފިޔަވަޅުތައް އަޅަނީ ކުދިންގެ މަންމައެއްގެ ހައިސިއްޔަތުން އަމިއްލައަށް ފަރުދީ ގޮތުން ކަމަށާއި، ސަރުކާރުގެ ބައިވެރިވުމެއް މީގައި ނެތްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. މީގެ ބޭނުމަކީ އެންމެންގެ ކުދިންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކުރުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.