ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އިއްޔެ މަގާމުން ވަކިކޮށްފިއެވެ.
ނަމަވެސް މި ވަގުތާ ހަމައަށްވެސް ސަރުކާރުގެ ފަރާތުން މިކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަންގައި 14 އަހަރުގެ ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި ޝަމްއާނަށް އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ލިބިވަޑައިގަތީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.
މި މަގާމަށް އޭނާ އައްޔަންކުރެވުނު އިރު، އޭނާ ހުންނެވީ އިމިގްރޭޝަންގެ އޮފިސަރުކަމުގެ މަގާމުން ވަކިކުރެވިފައެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރެވުނު ސަބަބާ މެދު މި ވަގުތާ ހަމައަށްވެސް އެއްވެސް މައުލޫމާތެއް ހާމަކުރެވިފައެއް ނުވެއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަކީ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އެންމެ އިސް މަގާމެވެ.
އިމިގްރޭޝަންގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން، ބިދޭސީންގެ އަތުން ނުޙައްޤުން ފައިސާ ނަގަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، މިހާރު ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން، 2025 މާރިޗު 20 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގެއެއް ބަލައި ފާސްކުރުމަށްފަހު 3 މީހުން ވަނީ ފުލުހުންގެ ހައްޔަރަށް ގެނެވިފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން، އިތުރު މަޢުލޫމާތު ޢާންމުކުރެވެމުންދާނެ ކަމުގައި ފުލުހުން މަޢުލޫމާތު ދެއެވެ.