ލައިލަތުލްޤަދްރި ވިލޭރެއަކީ އެރެއެއްގައި މީހަކަށް މާތް ﷲ ދެއްވާނެ އެންމެ މަތިވެރިކަން ޙާސިލުކުރެވޭނެ ރޭ ކަމުގައި މިއަދު ޚުޠުބާގައި ބުނެފިއެވެ.
މިއަދު މުޅި ރާއްޖެއަށް އިއްވި ޚުޠުބާ މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ ލައިލަތުލްޤަދްރި ވިލޭރެއާއި އެ ވިލޭރޭގެ މާތްކަމަށެވެ.
“ފަހު ދިހައިގައި ލައްވާފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްޤަދްރި ވިލޭރެއެވެ. އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއްހާސް މައްސަރުގައި ކުރާ ހެޔޮކަމަށްވުރެ މަތިވެރިކުރައްވާފައިވެއެވެ. މި މަތިވެރި ރެއަކީ މާތްﷲ އެ ރެއެއްގައި މީހަކަށް މުޅި ޢުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ޙާސިލުކުރެވިދާނެ ރެއެވެ.” ޚުޠުބާގައި ގޮވާލައިފައިވެއެވެ.
ޚުޠުބާގައި ހާމަކޮށްފައިވާ ގޮތުގައި، ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު ޢުމުރެއް ދެއްވާފައި މި އުންމަތުގެ މީހުންގެ ޢުުމުރު ކުރު ކަމުގައި ވިޔަސް މި ކުރު ޢުމުރުގައި ކުރާ ޢަމަލުގެ ދަރުމަ އިތުރުކޮށްދެއްވައިފައިވާކަމެވެ. އަދި އޭގެ ތެރޭގައި ރަމަޟާން މަހު ލައިލަތުލްޤަދްރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން އިތުރުކުރައްވާފައިވުން ހިމެނެއެވެ.
“ރަމަޟާން މަހުގެ ފަހު ދިހައިގައި އިއުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އިއުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތްﷲ އަށް އަޅުކަންކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކުރަންވާނެއެވެ. އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި، މިސްކިތުގެ ހުރުމަތަށް އިސްކަންދޭންވާނެއެވެ. މިސްކިތުގެ ޙުރުމަތް ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މިސްކިތްތަކަކީ ބިންމަތިީގައިވާ އެންމެ މާތް ތަނެވެ. އެއީ މާތްﷲގެ ގެކޮޅުތަކެވެ.” ޚުޠުބާގައި އިތުރަށް ބުނެފައިވެއެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާކުރަން އަމުރުކުރައްވާފައިވާ ފިޠުރު ޒަކާތަކީ ރޯދަ މަހު ރޯދަތައް ހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެއް ކަމަށެވެ.
ޚުޠުބާ ނިންމާލައިފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވައްސަލަމައަށް ޞަލަވާތް ކިޔުމަށްފަހުގައެވެ.
“اللْهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُعَنِّي މާނައީ: އަޅުގެވެރިރަސްކަލާކޯއެވެ. ހަމަކަށަވަރުން، އިބަަރަސްކަލާނގެއީ ގިނަގިނައިން ޢަފޫކުރައްވާ، ފާފަފުއްސަވާ އަދި ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއީމުއެވެ. ފަހެ، މި އަޅާއަށް ޢަފޫކުރައްވައި މި އަޅާގެ ފާފަ ފުއްްސަވާންދެއެވެ.” ފަހު ދިހައިގައި ކުރެވޭނެ މާތް ދުޢާއެއް