މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ގެވެށި އަނިޔާއާ ގުޅޭ 19 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ އެކްސިޑެންޓާއި ވައްކަމުގެ މައްސަލަތަކެވެ. މި ގޮތުން 153 އެކްސިޑެންޓާއި 147 ވައްކަމުގެ މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ.
އަދި މީގެ އިތުރުން ޖިންސީ ގޯނާއާ ގުޅޭ 15 މައްސަލައާއި، ކުޑަކުދިންނާ ބެހުމުގެ 16 މައްސަލަ ވެސް ވަނީ ފުލުހުންނަށް ރިޕޯޓުކުރެވިފައެވެ. އަދި ބިރުދެއްކުމުގެ 38 މައްސަލައާއި، ސައިބަރ ކްރައިމްގެ 7 މައްސަލައާއި، ސްކޭމްގެ 70 މައްސަލަ ވެސް ވަނީ ހުށަހެޅިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަސްތުވާތަކެއްޗާ ގުޅޭ 110 މައްސަލައާއި ފޭރުމުގެ 8 މައްސަލަ ވެސް މި މުއްދަތުގައި ވަނީ ރިޕޯޓުކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާއާ އަޅާބަލާއިރު އިތުރު އަދަދުތަކެކެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގައި ވައްކަމުގެ 101 މައްސަލައާއި އެކްސިޑެންޓުގެ 86 މައްސަލަ ހުށަހެޅުނު ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިކަމުން ދައްކައިދެނީ މިއަހަރު ކުށުގެ މައްސަލަތައް އިތުރުވެފައިވާ މިންވަރެވެ.

