ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އައްޑޫ ސިޓީ ގަމަށް އޭ320 މަތިންދާބޯޓުގެ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުން ފެށިގެންނެވެ.
މެއިންޓެނެންސްއަށްފަހު އޭ 320 ބޯޓު އަނބުރާ ފްލީޓާއި ގުޅިފައިވާއިރު، މި ދަތުރުތައް ކުރިއަށް ގެންދާނީ ހަފްތާއަކު ދެ ދުވަހުއެވެ. އެއީ ބުރާސްފަތި އަދި ހޮނިހިރު ދުވަހު މާލެ/ގަން/ގަން/މާލެ ރޫޓުގައެވެ.
މޯލްޑިވިއަން އިން މިހާރު ބޭނުންކުރަމުންދާ ދެވަނައަށް އެންމެ ބޮޑު މި މަތިންދާބޯޓުގެ ދަތުރުތައް މާލެ އާއި ގަމާ ދެމެދު ފަށަން ނިންމާފައިވަނީ ޑިމާންޑަށް ރިއާޔަތްކުރުމަށް ފަހުގައެވެ. މީގެ ކުރިންވެސް މި ރޫޓުގައި އޭ320 ގެ ދަތުރުތައް ބޭއްވުނު އިރު، އެ ދަތުރުތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަން ފާހަގަކުރެވެއެވެ.
މިހާރުވެސް މޯލްޑިވިއަން އިން މާލެ އާއި ގަމާ ދެމެދު ކޮންމެ ދުވަހަކު ތިން ފްލައިޓް އޮޕަރޭޓްކުރަމުން ގެންދެއެވެ. އޭ320 ގެ ދަތުރުތައް ފެށުމާއެކު، އައްޑޫ ސިޓީއަށް ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.