މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު މަސްވެރިންނަށް 3.5 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިއީ މި މަހުގެ 20 ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހުގެ އަގަށްވާ ފައިސާއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ފައިސާ ޖަމާކުރުމުގެ މަސައްކަތް މިއަދު ހެނދުނު 10:30 އާއި 13:30 އާ ދެމެދު ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެހެނިހެން ބޭންކް ޓްރާންސްފަރތައް މިއަދު 14:30 ގައި ކްލިއަރ ކުރެވޭނެ ކަމަށް ވެސް މިފްކޯއިން ވަނީ ހާމަކުރައްވާފައެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 20 ވަނަ ދުވަހު ޖުމުލަ 40 ދޯންޏަކުން މަސް ކިރާފައިވެއެވެ. މި ދޯނިތަކަށް ޖުމުލަ 3،594،692 ރުފިޔާ ދޫކޮށްފައިވާކަން މިފްކޯއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޢުދާ އެއްގޮތަށް، މިފްކޯއިން މިހާރު ދަނީ މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކަމުންނެވެ. މީގެއިތުރުން، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހުޅުމާލެ ކަންނެލި ޖެޓީ، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫގައި ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުން މަސްވެރިންނަށް އިތުރު ލުއިފަސޭހަތައް ހޯދައިދިނުމުގެ ގޮތުން، މަސްވެރިކަމުގެ ލޯނު ސްކީމްތައް ތަޢާރަފުކޮށް، މަސްވެރިކަމުގެ އާލާތްތައް އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށްދީފައިވެއެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރުއަޅައި، މަސްވެރިންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ.