ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށްޓަކައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުން ލާޒިމްކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ، ފަހަކަށްއައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދު ބެލެހެއްޓުމަށް އެއްވެސް ފަޅުވެރިއެއް ނެތި އުޅަނދު ދޫކޮށްލުމުގެ ސަބަބުން އެކި ބާވަތުގެ ނުރައްކާތެރި ހާދިސާތައް ހިނގައި، މީހުންގެ މުދަލަށް ގެއްލުންވަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އުޅަނދު ބެލެހެއްޓުމަށް ބޭނުންވާ އަދަދަށް ފަޅުވެރިން ނެތްނަމަ، “ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު” ގެ 44 ވަނަ މާއްދާގެ “ފ” ގެ ދަށުން އެ އުޅަނދުގެ ވެރިފަރާތާމެދު ފިޔަވަޅު އެޅޭނެކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފެށުމުން، ކަނޑުގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުވެ، އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވިގެންދާނެ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ދެކެއެވެ. އަދި މީގެ އިތުރުން، ފަޅުވެރިން އުޅަނދުގައި ތިބުމުން އުޅަނދުފަހަރަށާއި އެހެނިހެން މުދަލަށް ލިބޭ ގެއްލުން މަދުވެގެންދާނެކަންވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ