އުތުރުތިލަފަޅުގައި ޖަލު ކޮމްޕްލެކްސް އެޅުމަށް އެތަނުން 30 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމައިފި އެވެ.
މި މަޝްރޫއުގެ އަގު 60 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވި ގަރާރެއްގައި ވާގޮތުން، މި މަޝްރޫއަކީ ކްރޮސް ސަބްސިޑީގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިއީ ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހިންގޭ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ހަދާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް އެޅުމަށް ހިއްކާ ބިމުގެ އަގަށް 30 މިލިއަން ޑޮލަރު އަދި ޖަލު ކޮމްޕްލެކްސް އެޅުމަށް އިތުރު 30 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ.
މިހާރު ރާއްޖޭގައި ހުރި ކަސްޓޯޑިއަލް ތިން ޖަލުގެ ތެރެއިން މާލޭގައި ހުރި ޖަލު ވަނީ ބަންދުކޮށްފަ އެވެ. އަދި މިވަގުތު ސަރުކާރުގެ މައި ޖަލަކީ މާފުށީ ޖަލެވެ. ސަރުކާރުގެ ވިސްނުމަކީ ވަކިވަކި ކަސްޓޯޑިއަލް ޖަލުތަކެއްގެ ބަދަލުގައި އެއް މައި ޖަލެއް ހެދުމެވެ.
އުތުރުތިލަފަޅުގައި ހަދާ މި އައު ޖަލު ކޮމްޕްލެކްސްގެ ސަބަބުން ރާއްޖޭގެ ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ. އަދި މިއީ ވިލިމާލެ ވަރުގެ ބޮޑު ސަރަހައްދެއްގައި ހަދާ ޖަލަކަށް ވާތީ، ޖަލު ނިޒާމު ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ލަފާކުރެވެ އެވެ