ދިވެހި ރާއްޖޭގެ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ގުޅިފައިވަނީ ދުނިޔޭގެ ގްލޭސިޔާތަކާއިކަން ހަނދާން ކުރަންޖެހޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެކަމަނާގެ ފޭސްބުކްގައި ހިއްސާކުރެއްވި މެސެޖެއްގައި، މޫސުމަށް އަންނަ ބަދަލުތަކާއި އެކު ވާރޭވެހޭ މޫސުމަށްވެސް ބަދަލު އައިސް، ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
“މޫސުމަށް އަންނަ ބަދަލުތަކާއެކު ވާރޭވެހޭ މޫސުމަށް ވެސް ބަދަލު އައިސް، ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އެބަދޭ. ރާއްޖޭގައި ދަނޑުވެރިކަން ބިނާވެފައިވަނީ ވާރެއަށާއި ފެންފަށަލައަށް،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލޮނުފެން އިތުރުވެ، ބިމުގެ ފެންފަށަލައަށް ލޮނުގެ މިންވަރު އިތުރުވަމުންދާ ކަމަށާއި، ގަސްގަހާގެއްސަށް ބޭނުންވާ މޫސުމީ ބަދަލުތަކަށް ބުރޫއަރަމުންދާ ކަމަށެވެ.
“ދަނޑުވެރިކަމަށް ބަރޯސާވާ އާބާދީއަށް މި ބަދަލުތަކުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށާއި، ދިވެހިންގެ ކާނާގެ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި ދުނިޔޭގެ ގްލޭސިޔާތައް ރައްކާތެރިކުރުމަކީ ވަރަށް މުހިންމުކަމެއް،” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދުނިޔޭގެ ގަނޑުފެންފަށަލަ ވިރެމުންދާއިރު، ރާއްޖޭގެ ރަށްތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ވެސް ވަޒީރު ފާހަގަކޮށްފައިވެއެވެ. ރާއްޖޭގެ ދަނޑުވެރިކަން ބިނާވެފައި އޮންނަނީ ވާރޭއަށާއި، ބިމުގެ ފެންފަށަލައަށް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.