2025 ވަނަ އަހަރު ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނުގެ ކިއުގައި ޖެހިފައި ތިބި އެންމެނަށް މިއަހަރު ޙައްޖަށް ދެވޭނެ ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މިކަން ރައީސް ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ ޒަމާންތަކަކަށްފަހު، އެ އަހަރެއްގައި ޙައްޖަށް ދިއުމަށް ކިއުގައި ޖެހިފައި ތިބި އެންމެނަށް އެ އަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން، ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު ކިއުގައި ޖެހިގެން ތިބި ނަމަވެސް، ކޯޓާ އެކި ކުންފުނިތަކަށް ބަހައިލުމުގެ ސަބަބުން ކިއުގައި ތިބޭ އެންމެނަށް ޙައްޖުވުމުގެ ފުރުސަތު ނުލިބޭތީ ގިނަ ބަޔަކު އައީ ޝަކުވާކުރަމުންނެވެ. ނަމަވެސް މިހާރު މި ގެނެވުނު ބަދަލާއެކު، އެފަދަ ޝަކުވާތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.