ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކަކީ އިސްލާމްދީނުގައި ޚާއްޞަ މަޤާމެއް ލިބިގެންވާ ރޭތަކެކެވެ. އެހެނީ މި ރޭތަކުގެ ތެރެއިން ރެއެއްގައި އަންނަ ލައިލަތުލްޤަދުރިގެ މަތިވެރިކަމާއި، އެރޭގެ ޢަމަލުތަކުގެ މާތްކަމުގެ ސަބަބުންނެވެ..
އޮނަހިރި ރޭތަކުގެ މުހިންމުކަން: ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ކޮންމެ ރެއެއްގައިވެސް ލައިލަތުލްޤަދުރި އަތުވެދާނެއެވެ. އެހެންކަމުން، 21، 23، 25، 27 އަދި 29 ވަނަ ރޭތަކުގައި އަޅުކަން އިތުރުކޮށް، އެރޭތަކުގެ މާތްކަން ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް ޒިންމާއެކެވެ. އެރޭ ވާނީ ހިމޭން އަމާން ރެއަކަށް ކަމަށްވެއެވެ.
އެރެއެއްގައި ދުނިޔޭގެ އުޑުމަތި ބަނަވިޔަސް ދުނިޔެމަތި އަލިވެގެން ވާނެ ކަމަށްވެއެވެ. އެރެއެއްގައި ހިމަފޮދު ވާރޭ ވެހޭނެ ކަމަށްވެސްވެއެވެ. އެހެންނަމަވެސް ސީދާ 27 ވިލޭރޭ ކަމަށް އެއްވެސް ސައްހަ ހަދީޘެއް ނޫނީ އެހެންވެސް ސައްހަ ސަނަދަކުން އެނގޭކަށް ނެތެވެ. ވީއިރު އަހަރެމެން ދިވެހިން 27 ވިލޭރޭގައި މިފަދައިން ކަންތައް ކުރަނީ ކީއްކުރަންތޯއެވެ. ކަނޑައެޅިގެން އެނގިފެނި ސާބިތުވެފައިވާ ބިދުޢަވެރި ކަމަކަށް ތަބާވެ މުޅި ރޯދަމަހުގައި ކުރި ހެޔޮކަންތައްތައް ނަގާލަނީ ކީއްކުރަންތޯއެވެ.
ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި ލައިލަތުލްޤަދުރި ރޭގައި ފެންނަ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި:
- އެރޭގެ އަލިކަމާއި އުޖާލާކަން ގަދަވުން: މިއަލިކަން ބޮޑަށް ފާހަގަކުރެވޭނީ މިޒަމާނުގެ ކަރަންޓު އަލި ނެތް ހިސާބުގައިވާ މީހުންނަށެވެ. ސަބަބަކީ އެއީ ރޭގަނޑުގެ ތެރެއިން ފަނޑު ހަނދުވަރުގެ އަލިކަމެއްފަދަ އަލިކަމެއްކަމުގައި އައިސްފައިވެއެވެ.
- އެރޭ ހިތަށް ހަމަޖެހުން ލިބުން: އެރޭގައި މުއުމިނުންގެ ހިތަށް ހިތްހަމަ ޖެހުން ލިބި އެހެން ރޭތަކަށްވުރެ ހިތަށް ފަސޭހަކަން ލިބިގެންދާނެއެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަދްރު ސޫރަތުގައި އެރޭ ފަތިހާ ހިސާބަށް ސަލާމަތްތެރިކަން ވާކަމަށް ވަޙީކުރައްވާފައިވެއެވެ.
- އެރޭގައި މަޑުމަޑު ވައިރޯޅިވުން: އެރޭގައި ތޫފާންތަކާއި އަދި ގަދަފަދަ ވައިގެ ރޯޅިތައް ނައުން ހިމެނެއެވެ. އަދި ހޫނު ގަދަނުވުމާއި އަދި ފިނިނުވުންވެސް ހިމެނެއެވެ. އެހެނީ އެފަދައިން ޙަދީޘްގައި ޒިކުރުވެފައިވެއެވެ. އަދި އެރޭގެ މޫސުން ރީތިވާނެއެވެ.
- އަދި އެރޭ ބައެއް މުއުމިނުންނަށް އެރެއަކީ ލައިލަތުލް ޤަދްރި ވިލޭރޭކަމަށް ހުވަފެނުން ފެނިދާނެ: ދަލީލަކީ އިބުނު ޢުމަރު ރަޟިޔަ ﷲ ޢަންހުގެ ޙަދީޘް ބަސްފުޅެވެ. އެއީ ޞަޙީޙް ބުޚާރީ އާއި މުސްލިމުގައި ބައެއް ޞަޙާބީ ބޭކަލުންނަށް ފެނުނު ކަމަށް އައިސްފައިވާ ޙަދީޘެކެވެ.
- އެހެން ރޭތަކަށްވުރެ އެރޭގެ ރޭއަޅުކަމުގައި ހިތްހަމަ ޖެހުން ލިބުން.
- އަދި އެރޭ ގިނަ މަލާއިކަތް ބޭކަލުން އެހެން ރޭތަކަށްވުރެ ގިނައިން ފައިބައިވަޑައިގަންނަވާނެ: އެހެނީ ޞައްޙަ ހަދީޘްގައި އެރޭ ބިންމަތީގައިވާ ހިލަކޮޅުތަކުގެ އަދަދަށްވުރެ ގިނައިން މަލާއިކަތް ބޭކަލުން ފައިބާ ވަޑައިގަންނަވާނެ ކަމަށް އައިސްފައިވެއެވެ.
- އަދި އެރޭގެ ފަތިހު އިރުއަރާއިރު ދޯދިނުހުރުން: ސަބަބަކީ އެރޭގެ އަލިކަމާއި ނޫރުގެ ސަބަބުން އިރުގެ ދޯދިތައް ފަނޑުވެފައިވާ ފަދައިން ކަމުގައި އިމާމު ނަވަވީ ޒިކުރު ކުރައްވާފައިވެއެވެ.
އެރޭގެ ވާނެކަމާމެދު ބުނާ ސާބިތުނޫން ޢަލާމާތްތައް:
- އެރޭ ލޮނުފެން މީރުފެނަށް ވާނެކަމަށް ބުނާބުނުން.
- އެރޭ ބިންމައްޗަށް ގަސްތައް ވެއްޓި އަދި ފަހުން ތެދުވާނެކަމަށް ބުނުން.
- އަދި ކުއްތާ ނުގޮވާނެ ކަމަށް ބުނާބުނުން.
- އަނދިރިތަންތަންވެސް އަލިވެފައިވާ ކަމަށް ބުނާބުނުން.
އެރޭ ވަނީ އަހަރެމެން އަޅުތަކުންނަށް ވަންހަނާ ކުރެވިގެންނެވެ. އެެހެންނަމަވެސް މި ފަހު ދިހައެއްގެ އޮނަހިރިރޭތަކުނެ ރެއެއްކަން ސާބިތުވެ އެނގެން އެބައޮތެވެ. މިއަށްވުރެ އިތުރަށް ދެން އެނގެން އޮތް ވަރަކީ އެރެއަކަށް އިންތިޒާރު ކޮށްގެން ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެރޭ ލިބިގަތުމަށް ހިންމަތް ކުރާ އަޅުންނަށް ﷲތައާލާ އިލްހާމު ކުރައްވާ ކަންތައްތަކެކެވެ.
ބިދުޢައިން ދުރުހެލިވުން: ހަމައެކަނި 27 ވަނަ ރޭ ޚާއްޞަކޮށްގެން އަޅުކަން ކުރުމަކީ އެއްވެސް ޝަރުޢީ ދަލީލެއް ނެތް ކަމެކެވެ. މިފަދަ ބިދުޢަވެރި ޢަމަލުތަކުގެ ސަބަބުން ރޯދަމަހުގެ ހެޔޮ ޢަމަލުތައް ނަގާލެވިދާނެތީ، މިކަމުން ދުރުހެލިވުން މުހިންމެވެ.
ހިންމަތާއެކު މަސައްކަތްކުރުން: އެއްހާސް މަހަށްވުރެ ހެޔޮކަން ބޮޑު މި މަތިވެރި ރޭ ހޯދުމަށް، ކޮންމެ އޮނަހިރި ރެއެއްގައިވެސް ހިންމަތާއެކު މަސައްކަތްކުރަންޖެހެއެވެ. އެހެނީ މިއިން ކޮންމެ ރެއެއްގައިވެސް ލައިލަތުލްޤަދުރި އަތުވެދާނެތީއެވެ.
އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ވާންވާނީ ހަމައެކަނި 27 ވަނަ ރެއަށް ބަރޯސާވުމުގެ ބަދަލުގައި، ފަހު ދިހައިގެ ހުރިހާ އޮނަހިރި ރޭތަކެއްގައިވެސް އަޅުކަން އިތުރުކޮށް، ލައިލަތުލްޤަދުރި ހޯދުމަށް މިންނެތް މަސައްކަތްކުރާ އަޅުންތަކަކަށެވެ. މިއީ އިސްލާމްދީނުގެ ޙަޤީޤީ ރޫޙާ އެއްގޮތްވާ ގޮތެވެ.
(މައުލޫމާތު؛ ދިއިސްލާމް، ދިވަން، އަލްއިސްލާމް، ސުންނަތްކޮމް، މައިއިސްލާމް، ލައިލަތުލްޤަދުރިއާ ބެހޭ އެކިއެކިލިޔުންތައް؛ ސަހީހްހަދީސް)