ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއިން 6 އަތޮޅެއްގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް ދަންނަވާފައިވާާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ހއ، ހދ، ށ، ނ، ރ އަދި ދ އަތޮޅުގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް ވާނީ ދަންނަވާފައެވެ. މިއާ ގުޅިގެން ހއ. އުތީމު ކައުންސިލުން ވަނީ އެ ރަށު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ މި ކަމުގައި އުތީމު އުޅެނީ ވަރަށް ކުރީގައި ކަމަށެވެ.
ސިޓީތަކާބެހޭ ވުޒާރާއިން މިއަހަރުގެ ޖެނުއަރީ މަހު ވަނީ ރާއްޖޭގައި ހާލަތު ދަށްކޮށް ހުރި 55 ކައުންސިލެއްގެ އިމާރާތް ހެދުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށެވެ.
ވަޒީރު އާދަމް ޝަރީފް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި 55 ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށި، ކުރިއަށް އޮތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒުކުރެވިފައިވެއެވެ. މިހާތަނަށް 13 ކައުންސިލް އިދާރާއެއްގެ ބިންގާ ވަނީ އަޅާފައެވެ.
ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މި ދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދިނުމެވެ. މިގޮތުން ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް މިހާތަނަށް ވަނީ އިޢުލާންކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް 70% ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.