މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، މިހާތަނަށް މަސްވެރިންނަށް ޖުމްލަ 385 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފައިވަނީ މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރި މަސްވެރިންގެ ދުވަހުގައެވެ. “މަސްވެރިންގެ ވާހަކަ ދައްކާއިރު އަޅުގަނޑުގެ ވަޢުދެއް އެއީ ރިޔާސީ އިންތިޚާބުގައި މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދިނުން,” ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެވި ހުރި 250 މިލިއަން ރުފިޔާވެސް މިހާރު ވަނީ އަދާކޮށް ނިމިފައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު ކޮންމެ ދުވަހަކުވެސް، ސަރުކާރު ބަންދު ދުވަސްތަކަށް ބެލުމެއްނެތި، ދަނީ މަސްވެރިންނަށް ފައިސާ ދޫކުރެވެމުންނެވެ.
މަސްވެރިންނަށް ފައިސާ ދޫޫކުރުމުގެ ވާހަކައަށް ފަހު ދެން ރައީސް އަލިއަޅުވާލެއްވީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ ކަންކަމަށެވެ. އެގޮތުން ކުރިއަށްދާ ކަންކަމުގެ ތެރޭގައި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، ހުޅުމާލޭގައި މިފްކޯއިން ގާއިމުކުރާ އައު މަސް ބަންދުކުރާ ކާރުޚާނާގެ މަސައްކަތް ހިމެނެއެވެ މި މަޝްރޫޢަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން 65 މިލިއަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވާއިރު، މި ފެސިލިޓީއަކީ ދުވާލަކު 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިގެންވާ ފެސިލިޓީއެކެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމެވެ. މިގޮތުން، ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.