ހއ. އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ލިމިޓެޑް (އެމްޓީސީސީ) އާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އިމާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތާ ގުޅިގެން އަޅާ އިމާރާތެކެވެ. މި އިމާރާތުން ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަންގެ ކްލިއަރެންސް ދޫކުރެވޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު ފަޞީޙްއެވެ.
މިހާރު އުލިގަމުގައި ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓްގެ ޚިދުމަތްތައް ކަމަށްވާއިރު، އައު އިމާރާތް ނިމުމުން ޕާސްޕޯޓް އަދި ވިސާފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވޭނެކަމަށް ސަރުކާރުން ބުނެއެވެ. މީގެ ސަބަބުން އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވާނެ ކަމަށްވެސް ސަރުކާރުން ފާހަގަކުރެއެވެ.
ސަރުކާރުން މިހާރު އަންނަނީ އިމިގްރޭޝަންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ އަތޮޅަކުންވެސް ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަމުންނެވެ.