އަޅުކަންކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނޭ ކަމެއް ނޫންކަމަށް މިއަދު ޚުޠުބާގައި ގޮވާލައިފިއެވެ.
މިއަދު މުޅި ޜާއްޖެއަށް އިއްވި ޚުޠުބާގައި އަލިއަޅުވާލައިފައިވަނީ ‘ރަމަޟާން މަހަށްފަހު ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބޭށެވެ.’ މި މައުޟޫގެ މައްޗަށެވެ.
“ރަމަޟާން މަސް އަހަރުމެންނާ އަލްވަދާޢު ކިޔަނީއެވެ. ނަމަވެސް އެ މަހުގެ ވެރި ﷲ ދިރިދެމިވޮޑިގެންވެއެވެ. ފުރިހަމަ މުއުމިނަކު، ދުވަހަކުވެސް ހެޔޮ އަމަލުކުރުމަށް އަލްވަދާއެއް ނުކިޔާނެއެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ ހެޔޮ އަމަލު ކުރުންމަތީ ދެމިތިބުމެވެ. ޔަގީންވެގެންވާ މަރު އަހަރުމެންނާ ބައްދަލު ކޮށްފުމަށް ދާންދެނެވެ.” ޚުޠުބާގައި ބުނެފައިވެއެވެ.
މުއުމިނުންނަކީ ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި ﷲ އަސް އަޅުކަންކުރަން ޖެހޭ ބައެއް ނޫންކަމާއި މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަންކުރަންޖެހޭނެ ކަމަށް ޚުޠުބާގައި ގޮވާލައިފައިވެއެވެ.
“ރަމަޟާން މަސް އަހަރުމެންނާ ވަކިވެގެން މިދަނީ ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހި ކޮށްދީފައެވެ. އެހެންކަމުން ތިބާއީ ހެޔޮ ކަމަށް އެދޭ މީހަކަށް ވާށެވެ! އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! މުޅި އަހަރު ދުވަހު ރޯދަ ހިފިކަމުގެ ޘަވާބު ލިބިގަންނާށެވެ!” ޙުޠުބާގައި ގޮވާލައިފައިވެއެވެ.
“ކުރީން ކުރެވިފައިވާ އަޅުކަންތަކަކީ ގިނަގުނަ ހެޔޮ އަމަލުތަކެއް ކަމުގައި އަހަރެމެން ދެކިގެން ނުވާނެއެވެ. އެހެނީ ކުރެވުނު ހެޔޮ އަމަލުތަކަށްޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ އެ އަމަލުތައް ބާޠިލުވެދާނެއެވެ.” ޚުޠުބާގައި އިތުރަށް ބުނެފައިވެއެވެ.
އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެނަމަ އެ ހެޔޮ ކަމެއް ކުރެވުމުން އޭގެ ފަހުގައި އެ އަމަލުތައް ކުރުން މަތީ ދެމިތިބޭން ޖެހޭނެ ކަމާއި ކުރެވުނު އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަގީންވާކަމަށް އަަހަރެމެން ދެކިގެން ނުވާނެކަމަށް ވެސް ޚުޠުބާގައި ހާމަކޮށްފައިިވެއެވެ.
ޚުޠުބާ ނިންމާލައިފައިވަނީ ރަސޫލާއަށް ޞަލަވާތް ކިޔުމަށްފަހުގައެވެ.