މިޔަންމާއަށް މިއަދު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން އެ ގައުމާއި އިންވެގެން އޮންނަ ތައިލެންޑާއި ޗައިނާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު ޕައޭޓޮންޓާން ޝިނަވަޓްރާ ވަނީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މި ބިންހެލުމުގެ ސަބަބުން ވަރަށް ބޮޑަށް ލޮޅުން އަރާފައިވެއެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި އުސް އިމާރާތްތަކުގެ މަތީގައި ހުރި ސުވިމިން ޕޫލްތަކުން ފެންގަނޑު އިމާރާތުން ބޭރަށް ފައިބާފައިވެއެވެ.
މި ބިންހެލުމުގެ އެންމެ ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ފާހަގަކުރެވެނީ ބެންކޮކުގައި ހަދަމުންދިޔަ 30 ބުރީގެ އުސް އިމާރާތެއް ބިމާ ހަމަވެ، އެ އިމާރާތުގެ ދަށުގައި 43 މަސައްކަތްތެރިން ތާށިވެފައިވުމެވެ. މި ވަގުތު އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ބިންހެލުން އައި މިޔަންމާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ބިންހެލުން ދިރާސާކުރާ ފަރާތްތަކުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް އިތުރު ކުދި ބިންހެލުންތަކެއް އަންނާނެ ކަމަށް “އިންޒާރު ދީފައި” ވެއެވެ.
މި ބިންހެލުމަކީ މި އަހަރު އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށްވާއިރު، ސަރުކާރުތަކުން ވަނީ ރައްޔިތުން ސަމާލުވުމަށް އިރުޝާދު ދީފައެވެ.