މިއަދު މިޔަންމާއަށް އައިސްފައިވާ ބާރުގަދަ ބިންހެލުމުގެ އަސަރު ދިވެހިރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގެ ގަޑިން މިއަދު 11:32 ގައި މިޔަންމާއަށް އައި ބިންހެލުމަކީ 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައިސްފައިވާ ބިންހެލުމެކެވެ. އެހެންނަމަވެސް މި ބިންހެލުން އައި ސަރަހައްދާއި މާލެއާ ދެމެދު 3121 ކިލޯމީޓަރުގެ ދުރުމިނެއް ހުރުމާއެކު، މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ދެއްވާފައިވާ މައުލޫމާތުގައި، މި ބިންހެލުން ރެކޯޑުކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 7.7 ގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ބިންހެލުމުގެ އަސަރު މިޔަންމާއާ އިންވެގެންވާ ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ އިތުރުން ޗައިނާގެ ޔުންނާން ޕްރޮވިންސްގެ ބައެއް ރަށްތަކަށްވެސް ވަނީ ކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް ނުބެލެވެއެވެ.