މިޔަންމާއަށް މިއަދު އައި ބިންހެލުމުގެ ސަބަބުން ތައިލޭންޑުގެ ވެރިރަށް ބެންކޮކުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް މިހާތަނަށް އަނިޔާއެއް ވެފައި ނުވާކަމަށް ރާއްޖެއިން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބިންހެލުންތައް މޮނިޓަރ ކުރާ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މިޔަންމާއަށް 5.0 އިން 7.0 އާއި ދެމެދުގެ ގިނަ ބިންހެލުންތަކެއް އައިސްފައިވެއެވެ. އެންމެ ބާރު ބިންހެލުން އައިސްފައިވަނީ 7.2 މެގްނިޓިއުޑް ބާރުމިނުގައެވެ. ނަމަވެސް އެމެރިކާއާއި ޗައިނާގެ ބިންހެލުންތައް މޮނިޓަރ ކުރާ އިދާރާތަކުން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ 7.7 މެގްނިޓިއުޑް ބާރުމިނުގައި ކަމަށެވެ.
މި ބިންހެލުމުގެ އަސަރު ބެންކޮކަށް ކޮށްފައިވާއިރު، އެ ސަރަހައްދުގެ ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ. ސަފީރު ފުއާދު ވިދާޅުވި ގޮތުގައި ބިންހެލުން އައި ވަގުތު، ބައެއް މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން އެމްބަސީއަށް ގުޅާފައިވެއެވެ.
“އަޅުގަނޑުމެން މި ދަނީ މިކޮޅުގަ ތިބި ދިވެހިންނަށް ގުޅައިގެން އެބޭފުޅުންގެ ހާލު ވަރަށް ގާތުން ބަލަމުން. އަދި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ވެގެން ރިޕޯޓްކޮށްފައެއް ނުވޭ. ހުރިހާ ދިވެހިންގެ ހާލު ވެސް ﷲ ގެ އިރާދަފުޅާއެކު ރަނގަޅު،” ސަފީރު ފުއާދު ވިދާޅުވިއެވެ.
އިތުރަށް ސަފީރު ފުއާދު ވިދާޅުވި ގޮތުގައި މިވަގުތު ގިނަ ބަޔަކު ތިބީ އިމާރާތްތައް ހުސްކޮށްލުމަށްފަހު ބޭރުގައެވެ. އަދި އެމްބަސީން ދަނީ ބެންކޮކުގައި ދިރިއުޅޭ ދިވެހިންގެ ހާލު ގާތުން ބަލަމުންނެވެ.