ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓެލްކޯ ކައިރީ ހުންނަ އީޒީފިލް 01 ޝެޑުގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ އެ ޝެޑުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެންނެވެ.
އެފްއެސްއެމުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ހެނދުނު 10:00 އިން ފެށިގެން މެންދަމު 01:00 އާ ހަމައަށް ޚިދުމަތް ދެމުންދާނީ ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ. ނަމަވެސް މެންދަމު 01:00 އިން ފެށިގެން ހެނދުނު 10:00 އާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ އިތުރުން ސައިކަލްތަކަށްވެސް ޚިދުމަތް ލިބޭނެއެވެ.
އީޒީފިލް 01 ޝެޑުގެ ޚިދުމަތްތަކަށް މި ބަދަލުތައް ގެނެސްފައިވި ނަމަވެސް، މާލޭގައި ހުންނަ އެފްއެސްއެމްގެ އެހެން ޝެޑުތަކުން ދަންވަރު 01:00 އާ ހަމައަށް ހުރިހާ ބާވަތެއްގެ އުޅަނދުފަހަރަށް ޚިދުމަތް ދެމުންދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތައް މާލޭގައި ހުރީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖް، ކާނިވާ ސަރަހައްދު އަދި ސްޓެލްކޯ ކައިރީގައެވެ. މީގެ އިތުރުން ތިލަފުށީގައިވެސް އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށްފައިވެއެވެ.

