ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
މި ނިންމެވުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި ޤަރާރަކުން އިޢުލާނު ކުރައްވާފައެވެ.
މި ބަދަލާއެކު މާމެންދޫގެ އިޚްތިޞާޞަށް ގެނެވުނު ބަދަލު ދައްކުވައިދޭ ޗާޓު ހިމަނައި، މި ޤަރާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ. މި ނިންމެވުމަކީ ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މަސްއޫލިއްޔަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުޢިއްޒު ވަނީ ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި މާމެންދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، ޑަބްލިއުޑީސީގެ މެންބަރުންނާއި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ގެންގުޅުއްވާ ސިޔާސަތުތައް ވަނީ ހިއްސާކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ “މާމެންދޫގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމަކީ، ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގައި ހަމަ އެހެން ރަށްތައް ފަދައިން، އެއްވެސް ތަފާތުކުރުމެއްނެތި، އިސްކަންދޭނެ ކަންތައްތަކެއް” ކަމުގައި ވިދާޅުވެފައެވެ.
މީގެއިތުރުން، ކުރީގެ ސަރުކާރުތަކުން ފަށާފައިވާ ނަމަވެސް ނުނިމި ހުރި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެފަދަ މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.