ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ލިވަޕޫލް ފުޓްބޯލް ކްލަބާއި އެމް.އެމް.ޕީ.އާރު.ސީ އާ ގުޅިގެން ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ފުރާވަޑައިގެންފައެވެ.
މިއީ މިދިޔަ މާރިޗު 13 ވަނަ ދުވަހު ލިވަޕޫލް އެފްސީގެ “އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު”ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުމާ ގުޅިގެން ކުރިއަށްގެންދާ ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤްވާމީ ކެމްޕޭނެއްގެ ފެށުމެވެ. މި ކެމްޕޭނުގެ ދަށުން މާރިޗު 27 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ވަނީ އައުޓްޑޯ ކެމްޕެއިނެއް ފަށާފައެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކެމްޕޭނުގައި 100 އަށްވުރެ ގިނަ ޓެކްސީގެ އިތުރުން ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނެއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، ފުޓުބޯޅައިގެ މަތީ ފެންވަރުގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށްގެންދާ ގޮތް ބައްލަވާލައްވާނެއެވެ. އަދި ލީޑްސް ޔުނިވާސިޓީއާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާވެސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، ސްޕޯޓްސް މިނިސްޓަރ ޢަބްދުالله ރަފީޢުއާއި، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ޑރ މުއިއްޒު މާލެ އެނބުރި ވަޑައިގަންނަވާނީ އޭޕްރިލް 5 ވާ ހޮނިހިރު ދުވަހުއެވެ.

