ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މި އަންނަ އެޕްރީލް މަހުގެ 4، 5، 7 އަދި 8 ވަނަ ދުވަހު ފުރާ ފަސިންޖަރުންނަށް، ޢުމްރާއިން އެނބުރި އަންނަ ފަރާތްތަކާ ގުޅިގެން އެއަރޕޯޓު ބާރުބޮޑުވާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންގައިފިއެވެ.
އެމްއޭސީއެލްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މި ދުވަސްތަކުގައި ދަތުރުކުރާ ފަރާތްތަކުން ފްލައިޓުގެ ގަޑީގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް ޙާޟިރުވުމަށެވެ. މިއީ ދަތުރުތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެއަރޕޯޓު އެންމެ ބާރުބޮޑުވާނެ ގަޑިތައްވެސް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެޕްރީލް 4 ވާ ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް، އެޕްރީލް 5 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް، އަދި އެޕްރީލް 7 ވާ ހޯމަ ދުވަހު މެންދުރުފަހު 2:00 އިން 4:30 އަށް އެއަރޕޯޓު އާދަޔާ ޚިލާފަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.
މި މުއްދަތުގައި އެއަރޕޯޓުގެ ސަރަޙައްދުގައި ޓްރެފިކް ބެލެހެއްޓުމަށް، ޓެކްސީ މަރުކަޒުތަކާއި ޑްރައިވަރުންގެ އެއްބާރުލުން ހޯދުމަށްވެސް އެމްއޭސީއެލްއިން އެދިފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް އެމްއޭސީއެލްގެ މީޑިއާ އެންޑް ޕީއާރު ހޮޓްލައިން ނަންބަރު 7409559 އަށް ގުޅުމަށް އެ ކުންފުނިން އަންގައިފައިވެއެވެ.