ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ލިވަރޕޫލްގައި ހުންނަ އެންފީލްޑް ފުޓްބޯޅަ ދަނޑަށް ކުރެއްވި ޒިޔާރަތެއްގައި، ލިވަރޕޫލް އެފްސީގެ ތާރީޚުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ އިޔާން ރަޝްއާ ބައްދަލުކުރައްވައިފިއެވެ. އަދި ލިވަރޕޫލް އެފްސީގެ އެންމެ ކާމިޔާބު ކުޅުންތެރިންނާއި މެނޭޖަރުންގެ ތެރެއިން އެކަކު ކަމުގައިވާ ސަރ ކެނީ ޑަލްގްލިޝްއާވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
1961 ގައި އުފަންވި ވޭލްސްގެ މި ކުރީގެ ފޯވަޑް ކުޅުންތެރިޔާއަކީ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ސްޓްރައިކަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ލިވަރޕޫލްގެ ހުރިހާ މުބާރާތްތަކެއްގައި ޖުމްލަ 346 ގޯލް ޖަހާފައިވާ އިޔާން ރަޝްއަކީ އިނގިރޭސި ލީގު ކަޕް އަދި އެފްއޭ ކަޕްގެ ފައިނަލްތަކުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާވެސް މެއެވެ.
ރައީސް ޑރ މުޢިއްޒުގެ މި ދަތުރުފުޅަކީ ލިވަރޕޫލް ފުޓްބޯޅަ ކްލަބާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ކެމްޕެއިނެއް ފެށްޓެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ލިވަރޕޫލް އެފްސީ އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) / ވިޒިޓް މޯލްޑިވްސް އާ ގުޅިގެން ހިންގާ ޕްރޮމޯޝަން ކެމްޕެއިނެކެވެ.

