ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ހަދަމުންދާ އިތުރު ލިފްޓްތަކުގެ ތެރެއިން ބައެއް ޓަވަރުތަކުގައި ލިފްޓް ބަހައްޓާ ނިންމައި، ޓެސްޓް ކުރަން ފަށައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރު، އަހުމަދު އިބްރާހިމްއެވެ.
އަހުމަދު އިބްރާހިމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހިޔާގެ ޓަވަރެއްގައި އާ ލިފްޓް ބަހައްޓައި، ޓެސްޓް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހިޔާ ޓަވަރުތަކުގައި ހަދާ އިތުރު ލިފްޓްތަކުގެ ޓެސްޓިން ޓެސްޓިން މަރުހަލާ މިއަދު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ލިފްޓު ތޮއްޖެހުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް އަހުމަދު އިބްރާހިމް ވިދާޅުވިއެވެ. އަދި މިއީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެއް ފުއްދިގެން ދިޔުން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެންނެވެ. އެޗްޑީސީން ކުރިން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުއަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ހިޔާގެ ހުރިހާ ޓަވަރެއްގައި ޖުމްލަ 32 ލިފްޓް ހަރުކުރެވޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ހާމަކުރައްވާފައެވެ.

