ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމް، ޕާކިސްތާނުގެ ސްޓޭޓް މިނިސްޓަރ ޝެޒްރާ މަންސަބްއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވަޒީރުގެ ނައިބު އަޙްމަދު ނިޒާމް ވަނީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގައި މިހާރު ދިމާވަމުންދާ ގޮންޖެހުންތަކާއި، ރައްކާތެރި ގޮތެއްގައި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ކުނި ގެންގޮސް ނައްތާލުމުގައި ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، އެކަމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސެކެޕް)ގެ މުހިންމު ދައުރު ފާހަގަކޮށް، ސަރަޙައްދީ ފެންވަރުގައި ބަދަލު ގެނައުމުގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވަނީ އެއްބަސްވެފައެވެ.
ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިހާތަނަށް 109 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން އަދި އާރްޑީސީއާ ޙަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއްގެ ދަށުން، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށަކާ އެކަށީގެންވާ ގޮތުގެ މަތިން ކުނި ކޮށި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި ކުނި މެނޭޖްކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ